މާރކެޓް ރެގިއުލޭޝަން އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް

މާރކެޓް ރެގިއުލޭޝަން އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތަކީ މާކެޓް ރެގިއުލޭޝަން އަދި ސުޕަވިޝަންގެ އެންމެހާ ކަންކަން ބެލެހެއްޓުމެވެ. މިގޮތުން މާކެޓުގައި އެކިއެކި ހަރަކާތްތައް ހިންގާ ފަރާތްތަކަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި، މާކެޓްގައި ހަރަކާތްތައް ކުރިއަށް ގެންދަނީ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްތޯ ބަލަމުން ގެންދިއުމެވެ. އަދި އިސްލާމިކް ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި ސެކިއުރިޓީޒް ދޫކުރާ ކުންފުނިތަކުން ޤަވާއިދުތަކާ އެއްގޮތަށް މައުލޫމާތު ހާމަކޮށް ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކަށް އަމަލުކުރާ މިންވަރު ބެލުމެވެ. އަދި މީގެ އިތުރުން މާކެޓަށް ބޭނުންވާ ގަވާއިދުތައް ހެދުމާއި، މާކެޓާ ގުޅުންހުރި ކަންކަމުގައި ލީގަލް އެހީ ފޯރުކޮށްދިނުމެވެ.

މާކެޓް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް

މާކެޓް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތަކީ މާކެޓް ތަރައްޤީކުރުމާގުޅޭ މަސައްކަތްތައް ބެލެހެއްޓުމެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ކެޕިޓަލް މާކެޓް މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދުން ޕްރޮމޯޓްކުރުމާއި މާކެޓްގައި ސެކިއުރިޓީޒް ދޫކުރާ ކުންފުނިތައް އިތުރުކުރުމަށް މަސައްކަތްކުރުމެވެ. މިގޮތުން މާކެޓް މެދުވެރިކޮށް ފައިސާ ހޯދޭނެ ވަސީލަތްތައް ދިރާސާކޮށް އެފަދަ މައުލޫމާތުތައް ކުންފުނިތަކާ ހިއްސާކުރުމާއި، ކުންފުނިތަކަށް މާކެޓަށް އައުމަށް މަގުފަހިކުރުމުގެ ގޮތުން ޕަބްލިކް ކުންފުންޏަކަށް ބަދަލުވުމާއި، އާންމުކޮށް ހުޅުވާލައިގެން ސެކިއުރިޓީޒް ދޫކުރުމަށް ކުރަންޖެހޭ ކަންކަމުގައި އެހީތެރިވުމެވެ. އަދި އިސްލާމިކް ކެޕިޓަލް މާކެޓް ތަރައްޤީކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމެވެ.

ޕެންޝަން ސުޕަވިޝަން ޑިޕާޓްމަންޓް

ޕެންޝަން ސުޕަވިޝަން ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތަށް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ސުޕަވިޝަންއާގުޅޭ އެންމެހާ މަސައްކަތްތައް ކުރުމެވެ. އަދި މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ކަސްޓޯޑިއަންގެ ގޮތުގައި ހަރަކާތްތެރިވުމަށް ސީ.އެމް.ޑީ.އޭއިން ލައިސަންސް ދޫކޮށްފައިވާ ފަރާތްތައް ސުޕަވައިޒްކުރުމެވެ. މީގެ އިތުރުން، ސީ.އެމް.ޑީ.އޭގެ ޕެންޝަން ސުޕަވިޝަން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުން ގެންދިއުމެވެ.

އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތަކީ ކެޕިޓަލް މާކެޓް ތަރައްޤީކުރުމުގެ ގޮތުން ސެކިއުރިޓީޒް ޚިދުމަތްތައް ދޭ ފާރާތްތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި މިދާއިރާތަކަށް އެފަރާތްތައް ތަމްރީންކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމާއި، ކެޕިޓަލް މާކެޓާމެދު އާންމުން، މިގޮތުން ކުންފުނިތަކާއި އިންވެސްޓަރުންނާއި ސަރުކާރުގެ މުއައްސަސާތައް ހޭލުންތެރިކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމެވެ. މިޕްރޮގްރާމްތައް ހިންގަމުން ގެންދަނީ ސީ.އެމް.ޑީ.އޭގެ ޓްރެއިނިންގ އިންސްޓިޓިއުޓްތައް މެދުވެރިކޮށެވެ. މިގޮތުން ސީ.އެމް.ޑީ.އޭ އިންސްޓިޓިއުޓާއި އިންސްޓިޓިއުޓް ފޯ ކޯޕަރޭޓް ޑައިރެކްޓަރޒް އެންޑް ސެކްރެޓަރީޒް މެދުވެރިކޮށް ޕްރޮގްރާމްތައް ހިންގުމާއި،ރާއްޖޭގައި ކޯޕަރޭޓް ގަވަރނަންސް ޕްރޮމޯޓްކުރުމަކީ މިޑިޕާޓްމަންޓްގެ މަސްއޫލިއްޔަތެކެވެ.

ސީ.އީ.އޯ ބިއުރޯ

ސީ.އީ.އޯ ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސީ.އެމް.ޑީ.އޭގެ ސްޓްރެޓީޖިކް ޕްރޮސެސް ޕްލޭންކުރުމާއި، ޑިރެކްޓަރުންގެ ބޯޑަށާއި، ޑިރެކްޓަރުންގެ ބޯޑު ކޮމިޓީ، ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ސީނިއަރ އެގްޒެކެޓިވް ކޮމިޓީ އަށް ސެކްރެޓޭރިއަލް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން މިޑިޕާޓްމަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސީ.އެމް.ޑީ.އޭގެ ބައިނަލްއަޤްވާމީ ގުޅުންތައް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ޗީފް އެގްޒެކެޓިވް އޮފިސަރގެ ބެލުމުގެ ދަށުން ކުރުމާއި ސީ.އެމް.ޑީ.އޭ ބޯޑަށާއި ޗީފް އެގްޒެކެޓިވް އޮފިސަރގެ ބޭނުންތަކަށް އެހެން ޑިޕާރޓްމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޯޕަރޭޓް ސަރވިސަސް

ކޯޕަރޭޓް ސަރވިސަސްގެ މައިގަނޑު މަސްއޫލިއްޔަތަކީ އޮތޯރިޓީގެ ބަޖެޓާއި ފައިސާއާއި ގުޅުންހުރި ކަންކަމާއި، މުވައްޒަފުންނާގުޅޭ އެންމެހާ ކަންކަމާއި އިދާރީ ކަންކަން ބެލެހެއްޓުމެވެ. އަދި އޮތޯރިޓީގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަކީވެސް ކޯޕަރޭޓް ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.